ސިހުރު ހާހޫރައިން ދިވެހިން މޮޔަވަނީ؟

ށ. ކަނޑިތީމުން ފެނުނު ސިހުރު ހަދާތަނެއް: ހިތަދޫ ގެއެއްގެ ތެރެއިން ވެސް ވަނީ ސިހުރު ހަދާ އެއްޗެތިތަކެއް ހޯދާފައި -- ސަންފައިލް ފޮޓޯ

އެއީ މީގެ 60 އަހަރު ކުރި އެވެ. 1953 އަހަރުގެ މަހުން އޭޕްރީލްވީ ހަތް ވަނަ އަށްވީ އަންގާރަ ދުވަހުގެ 3:30ގައި ގއ. ނިލަންދޫ ހަކީމް ދީދީގެ ގަޔަށް ބަޑިޖަހާ މަރާލި އެވެ. އޭނާގެ ކުށަކީ ސިހުރު ހެދުމެވެ. އޭގެ ފަހުން ރާއްޖޭގައި މަރުގެ ހުކުމެއް ތަންފީޒުކޮށްފައެއް ނުވެ އެވެ. ހަކީމް ދީދީގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައި ވަނީ އޭރު ގއ. އަތޮޅުގެ އަތޮޅުވެރިޔާ ވީރު އަލިދީދީ އާއި ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލަން ސިހުރު ހަދައި ޒަހަރު އުފެއްދި ކަމަށް ތުހުމަތު ކުރެވުނު މައްސަލައާ ގުޅިގެންނެވެ. 

މިއަދު އަނެއްކާ ވެސް ރާއްޖެ އަށް ކުރިމަތިވެގެން މިއުޅެނީ ސިހުރު ހާހޫރައިގެ ކަންތަކެވެ. ސިޔާސީ ފިކުރުގައި އެއްބަޔަކު އަނެއް ބަޔަކަށް ހަދަން ފެށި ސިހުރު އެނބުރި ގޮސް ޖެހެމުންދަނީ ކުށެއްނެތް ކުދިންތަކެއްގެ ގައިގަ އެވެ. 

ސިހުރު ހާހުރައިގެ ކަންތައް ޖެހި ބައެއް ރަށްރަށުގެ ސްކޫލްތައް ބަންދުކުރަން ޖެހުނުއިރު ވެސް ސިހުރުގެ ކުޅިވަރުގައި އުޅޭ މީހުން އެކަން ހުއްޓާލާކަށް ނޫޅުނެވެ. 

ނަމަވެސް ސިހުރުހާހުރަ ހަދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނާ މެދު މިއަދު ގާނޫނު ހިންގޭކަށް ނެތެވެ. ސަބަބަކީ ގާނޫނުގައި އެފަދަ މީހުންނާ މެދު އަމަލުކުރާނެ ގޮތެއް ބަޔާންކޮށްފައެއް ނުވެ އެވެ. 

ބޮޑެތި ފާފަތަކުގެ ތެރޭ ހިމެނޭ ސިހުރު ހެދުން ރާއްޖޭގައި އާންމުވެފައިވާ އިރު، ބައެއް ސިހުރުވެރިންނަށް އެކަން ރަނގަޅަށް ކުރަން ނޭނގޭ ކަމަށް ސްޕިރިޗުއަލް ހީލާސް އޮފް މޯލްޑިވްސްގެ ރައީސް އައްރާޤީ އަޖްނާދު އަލީ ވިދާޅުވި އެވެ. 

"ބައެއް ސިހުރުވެރީން ހަދާގޮތަކީ ހަމައެކަނި އެއްޗެހިތަކެއް ލިޔެފައި ވަޅުލަނީ. އޭގެ ނުބައި އަސަރު ފެނި އިތުރު ކަންތައްތައް ވެސް ވެފައި އެބަހުރި،" އަޖުނާދު ވިދާޅުވި އެވެ. 

ސައްތައިންސައްތަ މުސްލިމް ކަމަށް ބުނާ މިދިވެހި މުޖުތަމައުގައި ސިހުރުހާހޫރައިގެ ބިރުވެރިކަން ބޮޑުވެފައިވާ އިރު، ސިހުރަކީ ބޮޑު ޝިރުކުގެ ތެރޭ ހިމެނޭ އަދި އެކަމަކީ ދީނުން ބޭރުނުވެ ނުކުރެވޭ ކަމެއްކަން އެނގެނީ ކިތައްމީހުންތޯ ސުވާލު އުފެދެ އެވެ. 

އަޖުނާދު ވިދާޅުވި ގޮތުގައި ސިހުރުގެ ކަންތައްބޮޑުވެގެން ދިޔައިރު، އެކަމާ ގުޅޭ ސައްހަ މައުލުމާތު ގިނަ މީހުންނަށް ލިބިފައެއްނެތެވެ. ނަމަވެސް ފަހަކަށް އައިސް އެ ޖަމިއްޔާގެ ފަރާތުން ވަނީ ސިހުރުހާހުރައިގެ ކަންތައްތަކަށް މީހުން ހޭލުންތެރިކުރުވުމަށް ގިނަ ކަންތައްތަކެއް ކޮށްފަ އެވެ. 

ސިޔާސީ ކަންކަމުގައި ސިހުރު ހަދާއިރު، މާލޭގެ ބައެއް ތަންތަނުގައި ކްލިނިކް ހަދައިގެން ބަލިމީހުން ބަލާ އުސޫލުން ނަމްބަރު ދޫކޮށްގެން ފާލުބެލުމާއި ސިހުރުގެ ކަންތައް ދަނީ ކުރަމުންނެވެ. 

އެއްޗެއްގެ ހަގީގަތް އެހެން ގޮތަކަށް ބަދަލުކޮށް މީހުންގެ ސިކުނޑިތަކަށް ވަސްވާސްވައްދަން ބޭނުން ކުރާ ސިހުރު ކަންތައްރާއްޖޭގައި ބައެއް ފަރާތްތަކުން މަޖަލަކަށް ސިފަ ކުރި ނަމަވެސް ހަގީގަތަކީ އެކަމުގެ ސަބަބުން ކަމާނުގުޅޭ އެތައް ބަޔަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރެ އެވެ. 

ދީނުންބޭރުވެ، ލާރީގެ ބޭނުމުގައި ނުވަތަ ސިޔާސީ ނުވަތަ ދުނިޔަވީ ބޭނުމެއްގައި ކުރާ ސިހުރުހާހުރައިގެ ކަންތަކުގެ ބިރު މިއަދު މިގައުމުގައި ބޮޑުވެފައިވާ އިރު، އެކަމުގެ ނުބައިކަން މީހުންނަށް ބަޔާންކޮށް ދީނުގައި އެފަދަ މީހުންނަށް ދޭން ޖެހޭ އަދަބު ގާނޫނުތައް ތަންފީޒު ކުރާ ފަރާތްތަކުން ދީގެން ނަމަވެސް މިއަދު މިވަނީ އެކަންކަން ހުއްޓުވަން ޖެހިފަ އެވެ.

0 comments:

ޚިޔާލު ފޮނުވާ!