ކަނޑުގެ ލޮނުގަނޑު އުފުލޭއިރު ރާއްޖޭގައި އިތުރު ރަށްތައް އުފެދޭ: ދިރާސާ

ފުވައްމުލަކުގައި ގިރާ ސަރަހައްދެއް: ކަނޑުގެ ލޮނު ގަނޑު އުފުލުމާ ގުޅިގެން ލިބޭ ގެއްލުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ. --ހަވީރު ފޮޓޯ: ނަސްރުﷲ ސާލިހް
ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ރާއްޖެއިން ގެއްލެމުންދާ ބިމުގެ ސަރަހައްދުގެ ބަދަލުގައި އަލަށް ރަށްތައް އުފެދޭ ކަމަށާއި އެ ރަށްތައް ބޭނުންކުރެވިދާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ޖާނަލް އޮފް ޖިއޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުން ގުދުރަތީ ގޮތުން ރާއްޖޭގެ އަތޮޅުތައް އުފެދިފައިވާ ގޮތުން ފަރުތަކުގެ ތެރޭގައި ވެލި ޖަމާވުމުގެ ސަބަބުން އާ ރަށް އުފެދުމުގެ ފުރުސަތު ލިބެ އެވެ. އާ ރަށެއް އުފެދުމުގެ ފުރުސަތު އެންމެ ބޮޑީ ކުދި ފަރުތަކުގައި ކަމަށްވާ އިރު ފުދޭ ވަރަކަށް ވެލި ޖަމާވަމުންދާ ނަމަ އާ ރަށެއް އުފެދެން 100 އަހަރު ނަގާނެ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
އަލަށް އުފެދޭ ރަށްތައް ބޮޑުވެ، މީހުން ދިރިއުޅެވޭ ވަރަށް އެ ރަށްތައް ފުރިހަމަވާނެ ކަމަށް މި ދިރާސާގައި ބައިވެރިވި ތަޖުރިބާކާރުން ލަފާކުރެ އެވެ.
"ކަނޑުގެ ލޮނު ގަނޑު އުފުލުމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގާބިލުކަން ރާއްޖޭގައި މީހުން ތޮއްޖެހިފައިވާ ރަށްތަކުގައި ވަރަށް ކުޑަ އެވެ. ގޮޑުދޮށްތައް ސަލާމަތްކުރުމަށް ކުރަން ޖެހޭ ހަރަދު މިކަމުގެ ސަބަބުން އިތުރުވެގެންދެ އެވެ. ނަމަވެސް، އަޅުގަނޑުމެންގެ ދިރާސާއިން ދައްކާ ގޮތުގައި ވެލި ޖަމާވެ، ގާތްގަނޑަކަށް ފުރިފައިވާ ފަރުތަކުގައި އާ ރަށްތައް އެފުދުމުގެ ފުރުސަތު އެބަ އޮތެވެ. މިކަމުގެ ސަބަބުން ބިމުގެ ސަރަހައްދު ބޮޑުވުމުގެ އިތުރަށް ލޮނުގަނޑު އުފުލިއްޖެ ނަމަ ހިޖުރަކުރާނެ ފުރުސަތު ލިބިގެންދާނެ އެވެ،" ދިރާސާގައި ބައިވެރިވި އިނގިރޭސިވިލާތުގެ އެކްސެޓާ ޔުނިވަސިޓީގެ ކްރިސް ޕެރީ ވިދާޅުވެފައިވެ އެވެ.
ރަށްތައް އުފެދެނީ އަތޮޅުތަކުގެ ވަށައިގެންވާ މުރަކައިގެ ފަރުތަކުން ފައިބާ ވެލި އެ ފަރުތަކަށް އެޅި، އެ ސަރަހައްދުގައި ދިރުން އުފެދިގެންނެވެ. ޖިއޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ކޮށްފައިވަނީ ރަށްތައް އުފެދޭ ގޮތުގެ ތާރީހާއި ވަގުތަށް ބަލައިގެންނެވެ.
ނިއު ޒީލެންޑުގެ އޯކްލަންޑް ޔުނިވަސިޓީ އާއި އޮސްޓްރޭލިއާގެ ޖޭމްސް ކުކް ޔުނިވަސިޓީ އާއި އެގައުމުގެ ކާޓިން ޔުނިވަސިޓީ އާއި ޖަޕާންގެ ނެޝެނަލް އިންސްޓިޓިއުޓް ފޯ އެންވަޔަރަމެންޓަލް ސްޓަޑީޒްގެ އިތުރުން އިނގިރޭސިވިލާތުގެ ގްލެސްގޯ ޔުނިވަސިޓީގެ މާހިރުން މި ދިރާސާގައި ބައިވެރިވެފައިވެ އެވެ.
ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ލިބޭ ގެއްލުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.

އެއްކަލަ ސުރުހީ

ތަޙައްމަލު

ހުސްގޮޅި

ހުސްޖާގަ

ސިހުރު ހާހޫރައިން ދިވެހިން މޮޔަވަނީ؟

ށ. ކަނޑިތީމުން ފެނުނު ސިހުރު ހަދާތަނެއް: ހިތަދޫ ގެއެއްގެ ތެރެއިން ވެސް ވަނީ ސިހުރު ހަދާ އެއްޗެތިތަކެއް ހޯދާފައި -- ސަންފައިލް ފޮޓޯ

އެއީ މީގެ 60 އަހަރު ކުރި އެވެ. 1953 އަހަރުގެ މަހުން އޭޕްރީލްވީ ހަތް ވަނަ އަށްވީ އަންގާރަ ދުވަހުގެ 3:30ގައި ގއ. ނިލަންދޫ ހަކީމް ދީދީގެ ގަޔަށް ބަޑިޖަހާ މަރާލި އެވެ. އޭނާގެ ކުށަކީ ސިހުރު ހެދުމެވެ. އޭގެ ފަހުން ރާއްޖޭގައި މަރުގެ ހުކުމެއް ތަންފީޒުކޮށްފައެއް ނުވެ އެވެ. ހަކީމް ދީދީގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައި ވަނީ އޭރު ގއ. އަތޮޅުގެ އަތޮޅުވެރިޔާ ވީރު އަލިދީދީ އާއި ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލަން ސިހުރު ހަދައި ޒަހަރު އުފެއްދި ކަމަށް ތުހުމަތު ކުރެވުނު މައްސަލައާ ގުޅިގެންނެވެ. 

މިއަދު އަނެއްކާ ވެސް ރާއްޖެ އަށް ކުރިމަތިވެގެން މިއުޅެނީ ސިހުރު ހާހޫރައިގެ ކަންތަކެވެ. ސިޔާސީ ފިކުރުގައި އެއްބަޔަކު އަނެއް ބަޔަކަށް ހަދަން ފެށި ސިހުރު އެނބުރި ގޮސް ޖެހެމުންދަނީ ކުށެއްނެތް ކުދިންތަކެއްގެ ގައިގަ އެވެ. 

ސިހުރު ހާހުރައިގެ ކަންތައް ޖެހި ބައެއް ރަށްރަށުގެ ސްކޫލްތައް ބަންދުކުރަން ޖެހުނުއިރު ވެސް ސިހުރުގެ ކުޅިވަރުގައި އުޅޭ މީހުން އެކަން ހުއްޓާލާކަށް ނޫޅުނެވެ. 

ނަމަވެސް ސިހުރުހާހުރަ ހަދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނާ މެދު މިއަދު ގާނޫނު ހިންގޭކަށް ނެތެވެ. ސަބަބަކީ ގާނޫނުގައި އެފަދަ މީހުންނާ މެދު އަމަލުކުރާނެ ގޮތެއް ބަޔާންކޮށްފައެއް ނުވެ އެވެ. 

ބޮޑެތި ފާފަތަކުގެ ތެރޭ ހިމެނޭ ސިހުރު ހެދުން ރާއްޖޭގައި އާންމުވެފައިވާ އިރު، ބައެއް ސިހުރުވެރިންނަށް އެކަން ރަނގަޅަށް ކުރަން ނޭނގޭ ކަމަށް ސްޕިރިޗުއަލް ހީލާސް އޮފް މޯލްޑިވްސްގެ ރައީސް އައްރާޤީ އަޖްނާދު އަލީ ވިދާޅުވި އެވެ. 

"ބައެއް ސިހުރުވެރީން ހަދާގޮތަކީ ހަމައެކަނި އެއްޗެހިތަކެއް ލިޔެފައި ވަޅުލަނީ. އޭގެ ނުބައި އަސަރު ފެނި އިތުރު ކަންތައްތައް ވެސް ވެފައި އެބަހުރި،" އަޖުނާދު ވިދާޅުވި އެވެ. 

ސައްތައިންސައްތަ މުސްލިމް ކަމަށް ބުނާ މިދިވެހި މުޖުތަމައުގައި ސިހުރުހާހޫރައިގެ ބިރުވެރިކަން ބޮޑުވެފައިވާ އިރު، ސިހުރަކީ ބޮޑު ޝިރުކުގެ ތެރޭ ހިމެނޭ އަދި އެކަމަކީ ދީނުން ބޭރުނުވެ ނުކުރެވޭ ކަމެއްކަން އެނގެނީ ކިތައްމީހުންތޯ ސުވާލު އުފެދެ އެވެ. 

އަޖުނާދު ވިދާޅުވި ގޮތުގައި ސިހުރުގެ ކަންތައްބޮޑުވެގެން ދިޔައިރު، އެކަމާ ގުޅޭ ސައްހަ މައުލުމާތު ގިނަ މީހުންނަށް ލިބިފައެއްނެތެވެ. ނަމަވެސް ފަހަކަށް އައިސް އެ ޖަމިއްޔާގެ ފަރާތުން ވަނީ ސިހުރުހާހުރައިގެ ކަންތައްތަކަށް މީހުން ހޭލުންތެރިކުރުވުމަށް ގިނަ ކަންތައްތަކެއް ކޮށްފަ އެވެ. 

ސިޔާސީ ކަންކަމުގައި ސިހުރު ހަދާއިރު، މާލޭގެ ބައެއް ތަންތަނުގައި ކްލިނިކް ހަދައިގެން ބަލިމީހުން ބަލާ އުސޫލުން ނަމްބަރު ދޫކޮށްގެން ފާލުބެލުމާއި ސިހުރުގެ ކަންތައް ދަނީ ކުރަމުންނެވެ. 

އެއްޗެއްގެ ހަގީގަތް އެހެން ގޮތަކަށް ބަދަލުކޮށް މީހުންގެ ސިކުނޑިތަކަށް ވަސްވާސްވައްދަން ބޭނުން ކުރާ ސިހުރު ކަންތައްރާއްޖޭގައި ބައެއް ފަރާތްތަކުން މަޖަލަކަށް ސިފަ ކުރި ނަމަވެސް ހަގީގަތަކީ އެކަމުގެ ސަބަބުން ކަމާނުގުޅޭ އެތައް ބަޔަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރެ އެވެ. 

ދީނުންބޭރުވެ، ލާރީގެ ބޭނުމުގައި ނުވަތަ ސިޔާސީ ނުވަތަ ދުނިޔަވީ ބޭނުމެއްގައި ކުރާ ސިހުރުހާހުރައިގެ ކަންތަކުގެ ބިރު މިއަދު މިގައުމުގައި ބޮޑުވެފައިވާ އިރު، އެކަމުގެ ނުބައިކަން މީހުންނަށް ބަޔާންކޮށް ދީނުގައި އެފަދަ މީހުންނަށް ދޭން ޖެހޭ އަދަބު ގާނޫނުތައް ތަންފީޒު ކުރާ ފަރާތްތަކުން ދީގެން ނަމަވެސް މިއަދު މިވަނީ އެކަންކަން ހުއްޓުވަން ޖެހިފަ އެވެ.

ހިތްވިރިގެން ދިޔަސް


(13 ސެޕްޓެމްބަރގެ އަދަދާއި ގުޅޭ)

މިހުރާން އެހާ ގަޔާވެފައި އިނދެ ބަލަން އިނީ މިލީނާގެ ވީޑިއޯ ކަން ރޭކާލީ އޭގެ ވޮލިއުމް ތަންކޮޅެއް މަތިކޮށްލުމުންނެވެ. މިލީނާ މޮޔަގޮތަކަށް ލަވަ ކިޔާން ފެށި އަޑުން ތަނުގެ ހިމޭންކަން މުގުރާލައިފި އެވެ.

"ވާއު..... ޓޭލަރ ސްވިފްޓް އެކައްޗަކަށްވެސް ނުވާނެ، ބަމްބީ ލަވަކިޔާލެއް ހާދަ ރީއްޗޭ، ހާދަ މޮޅޭ....." މިހުރާން އެއްލޯ މަރާލިއެވެ. މިލީނާގެ މޫނަށް ރަތުގެ އެތައް ކުލަތަކެއް ވެރިވެގެން ދިޔުމާއި އެކު އެތަނުން ދުވެ ފިލަން އެނބުރުނެވެ. އެހާވަރަށް ޖެއްސުން ނުކުރިޔަސް ވެދާނެނޫންހެއްޔެވެ. ތަންކޮޅެއް ބޮޑުވަރެވެ. މިހުރާން އޭނައަށް ދިޔަނުދޭންވެގެން އެއްޗެކޭ ބުނެލުމުން އަމުރަށް ބޯލަނބައިގެން ފިޔަވަޅެއް ގުޑާނުލައި އޭނަ ހުރިއިރު ހަމަޖެހެން މަސައްކަތް ކުރަމުން ކުޑަކޮށް ހީވެސް ލައިފިއެވެ. މިހުރާން ގާތުގައި ލަދުން އުޅުމުގެ ބޭނުމެއް މިހާރަކު ނެތެވެ. އެކަމަކު އޭނަ ޖައްސާލި ސަކަރާތްގަނޑަށް ބަލާފައި މިހުރާން މަލާމާތް ކުރަންޏާ އުނދަގޫވެސް ވާނެއެވެ.

"ވީއިރު އަހަރެން ކައިރީ އެކްޓްކޮށްލައިގެން ހުއްޓަސް ސިޔާސަ ކަމުން ޒެފްއަކަށް ދޫނުކުރޭ، ބަޓް ނެޗުރަލް ވީމަ...އެމޭޒިން، ބާތުރޫމްގައި ގާލް އަކަށް އެންޖޯއި ކުރެވޭނީ މިވަރަށް......" މިހުރާން އެ ވީޑިއޯ ބެލީ ފުރަތަމަ ފަހަރަށް ކަމެއް މިލީނާއަކަށް ނޭގުނެވެ. އޭނަ ވިސްނީ ދިމާ އިދިކޮޅަށެވެ. މިހުރާން އެހާ ގިނައިން އެ ވީޑިއޯ ބެލުމުގެ ބޭނުމާއިމެދު ހިތާހިތުން ސުވާލުކުރެވުނަސް ޖަވާބެއް ނުލިބުނެވެ. 

މިހުރާން ކޮންމެ ދުވަހަކުވެސް އޮފީހަށް ދަނީ ކޯޓު ފަޓުލޫނު ލައިގެން ފުދޭވަރަކަށް ރަސްމީވެލައިގެންނެވެ. ގިނަ ވަގުތު ގެއިން ބޭރުގައި އޭނަ ހޭދަކުރާތީ މިލީނާ ގޭގައި އުޅެނީ އެކަނިމާ އެކަނިއެވެ. ޚަރީފު މޫސުމް ކަމަށްވާތީ މާގަސް އިންދޭކަށް ނެތެވެ. އެހެންނޫންނަމަ އެއީ ފޫހިފިލުވައިލަން ކުރެވިދާނެ ރަނގަޅު މަސައްކަތެކެވެ. މިލީނާ މިހުރާން އަންނަންވާއިރަށް ގޭގެ ހުރިހާ މަސައްކަތެއްކޮށް، ކައްކައިގެން ނަމާދުކުރުމާއި، ގުރުއާން ކިޔެވުމާއިގެން އުޅެނީ ރޭގަނޑަށް މިހުރާން އަށް ވަގުތު ދޭންވެގެންނެވެ. އެއީ ދިރިއުޅުމުގެ އެއްބަޔަށް ވާތީއެވެ. މިލީނާ ގޭގައި ހިރަފުސްކޮޅެއް ނުބަހައްޓާ ގެ އޮފްކޮށްލާފައި ބަހައްޓާފައިވާއިރު މިހުރާންގެ ކޮންމެ ކަމެއްގައި އެހާ ފަރުވާތެރިވެއެވެ. އެ ބަރު ކޯޓްތަކާއި ފަޓުލޫނުތައް ރީތިކޮށް ދޮވެ، އިސްތިރިކޮށް ހަރުގައި އަޅުވައެވެ. ބޫޓުތައް ޕޮލިޝްކުރެއެވެ. އެވަރުންވެސް މިހުރާންގެ ހިތުގައި ލޯތްބެއް ނުއުފެދެއެވެ. މިހުރާން ވިސްނި ގޮތުން ގޭގައި ގެންގުޅޭ ނޯކަރަކުވެސް އެގޮތަށް ޚިދުމަތްކޮށްދީފާނެއެވެ. އެކަމަކު އެއީ އަދި ލޯބިވެވެން ޖެހޭ ސަބަބެއް ނޫނެވެ. އޭނަގެ ހިތުގައި މިހާރު މާ ބޮޑަށް މީރާ ހާސިލު ކުރުމުގެ އެދުން ބޮޑުވެފައިވެއެވެ. މީރާގެ ހުންނަ މިޒާޖުގެ ސަބަބުން މިހުރާންގެ ހިތް ހައްތަހާ ދަމަންފެށީއެވެ. ނުލިބޭ އެއްޗެއް ވެއްޖެއްޔާ ހޯދަން މިހުރާންފަދަ ކާމިޔާބު ޒުވާނުން ބޭނުންވަނީ ކަންނޭގެ އެވެ.

މިހުރާންގެ އެކުވެރިން އައުމުން ކޮފީ ހަދައިދިނަސް މިލީނާ އެއިން މީހަކު ފެންނަ ހިސާބަކަށް ނުދެއެވެ. އޭނަ އުޅުނީ ފިލައިގެންނެވެ. ކޮންމެހެން މިހުރާންގެ ސްޓައިލިޝް އެކުވެރިންނަށް އޭނަ ފެނިގެން މަލާމާތްކޮށްފާނެތީއެއް ނޫނެވެ. ލަދުގަންނަނީ މިހުރާން އެމީހުންގެ ކުރިމަތީގައި އޭނައަށް ޖެއްސުމެއްކޮށް، ގޯނާކޮށްލަފާނެތީއެވެ. މިއަދު އޮޅިގެން މިލީނާއަށް މިހުރާން ގެ ގްރޫޕް ބޭރުގައި އުޅޭކަމެއް ނޭގި އެމީހުންގެ ކުރިމައްޗަށް ނިކުމެވުމާއިއެކު އެންމެންގެ ނަޒަރު އޭނައަށް ހުއްޓުނުކަން އެނގުނެވެ. މިލީނާ ވިދުވަރެއްހާ ހަލުވިކޮށް އެތެރެއަށް ވަދެ ގެއްލުނެވެ. ނަސީބަކުން އޭނަ ލައިގެން ހުރި ކަޅު ހެދުމުގެ ސަބަބުން އެ ދޮން މޫނު ފިޔަވާ ފޮރުވިފައިވާވަރުން އެމީހުންނަށް އޭނަ ފެނުނީ ކުޑަކުއްޖެއްގެ ގޮތުގައެވެ.

"ރެން ކުޑަކުދިންނާއި ގުޅުން ބާއްވަންފެށީތަ؟ ތިކަން ޕޮލިހަށް އެނގިއްޖެއްޔާ އެރެސްޓް ކޮށްފާނެ...." އެކަކު ދިމާކޮށްލިއެވެ.

"އޭނަ ޖުއްބާ އަކަށް އެރިގެން ހުރީމަ ޕްރެގްކަމަށް މަ ހީކުރީ، ކުޑަ ކުއްޖަކަށްވިޔަސް ރެން ހިމޭނުން ނުހުންނާނެކަން ޔަގީން، އެވަރުން ފޮރުވައިގެން ގެންގުޅޭނީ ކޮންމެވެސް ކަމެއް އޮތީމައެއްނު، އެނީވޭސް ރެން ބޭނުން ނެތިއްޔާ މަށަށް ދޭންވީނު......." މިހުރާންގެ އެކުވެރިއަކު ބުނެލި އެއްޗަކުން އޭނަގެ ހިތަށް ނޭގޭ ބިރުވެރި ކަމެއްވަނެވެ. މިލީނާ ބަލިވެ އިދެފާނެކަމަށް މިވީހާތަނަށް އޭނަ ހިތަށް އަރުވާފައެއްނުވެއެވެ. އެފަދަ ގޮތެއްވެއްޖެއްޔާ އޭނަގެ ހުރިހާ ހުވަފެންތަކެއް ފެނަށް ވެގެން ހިގައިދާނެއެވެ.

"ޝަޓަޕް، އެހެންނޫނަސް އެއީ އަހަރެންގެ ކޮންމެ މީހަކަށްވިޔަސް ކަލޭމެން ނުބެހިބަލަ...." މިހުރާންގެ ޚިޔާލުގައި އޭރުވަނީ ދެން އަޅާނެ ފިޔަވަޅެކެވެ. އޭނަ ހަވީރު ކައިރީގައި ހުރި ފިހާރަ އަކަށް ގޮސް އޭނަ ގަންނަން ބޭނުންވާ އެއްޗެހީގެ ބްރޭންޑުތަކުގެ ބޭރު މާސީރިޔަސްކޮށް ކިޔަވަން ހުއްޓާ ފަހަތުން މީހަކު ގޮވާލުމުން މިހުރާން އެނބުރުނީ ހަމަޖެހިލައިގެން ހުރެއެވެ. އެވަގުތު ކިތަންމެ ބޮޑަށް ހާސްވިޔަސް އޭނަގެ ރީތި ދެލޮލުން އެފަދަ އެއްވެސްކަމެއް ދައްކުވާނުލި ތާގައި މޫނުމަތިންވެސް ފެނުނީ ހަމަޖެހޭކަމުގެ އަސަރުތަކެވެ.

"ރެން، ތިއީ ކޮން ކަމެއްތަ؟ ރެން ތި ޔޫޒްކުރަން ފެށީ ކޮން ދުވަހަކުންތަ؟" މީރާގެ ރީތި ދެލޮލުން ހައިރާންވުމުގެ އިތުރުން ރިހުމުގެ ކުލަވަރު ފެނުނެވެ.

"ޓޮޕް ސިކްރެޓެއް...." މިހުރާން އެ ޕެކެޓް ޝެލްފަށް އެއްލައިލަމުން ޖިންސްގެ ޖީބަށް އަތް ޖަހައިލާފައި ލާނެތް ގޮތަކަށް ހީލައިފިއެވެ. މީރާ މިހުރާންގެ މޭގައި އަތްއަޅާ މަޑުމަޑުން ކޮށްޕާލާފައި ރުޅިވެރިގޮތަކަށް ދާން ހިނގައިގަތުމުން މިހުރާންއަށް މީރާ ސީރިޔަސްވީވަރު އެނގުނެވެ. އޭނަ މީރާގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލާފައި މީރާ މަޑުކުރުވިއެވެ.

"އަހަންނަށް ޓްރަސްޓް ނުކުރަމެއްނު ބޭބީ، މިއިން އެއްވެސް އެއްޗެއް އަހަރެން ޔޫޒް ނުކުރަމޭ ބުނެފިއްޔާ ގަބޫލުކުރާނަންތަ؟" މިހުރާން އެތައް ފަހަރު އެތައް ގޮތަކަށް ޔަގީންކަން ދިނުމުން މީރާގެ ހިތުގައިވިހާ ޝައްކުތަކެއް ފިލިއެވެ. އެ ރީތި ހިނިތުންވުމަށްޓަކައި މޮޔަވާވަރުވިއެވެ. ހުދުދަތްތައް ވިދާލިގޮތުން ހީވީ މުޅި ހިސާބަށްވެސް އަލިވިހެންނެވެ. މީރާއަށް މިހުރާންގެ ގައިގައި ބައްދައިލެވުނެވެ.

"އައި ތޯޓް...." މީރާ އެއްޗެކޭ ބުނަން އުޅުމުން މިހުރާން އެ ޖުމްލަ ހުއްޓުވާލީ ތުންފަތުންނެވެ. މިހުރާން މީރާގެ ލޯބީގައި ހައްތަހާ ބޮޑަށް ގެނބިގެންދާއިރު މިހާރު ބޭނުން ވަނީ ކޮންމެ ގޮތެއް ހަދާފައިވެސް ކައިވެނި އަވަސްކުރުމަށެވެ. މީރާގެ މައިންބަފައިންގެ ރުހުން އަތުލަން އޭނަ ކޮންމެވެސް ގޮތެއް ހަދަން އެބަޖެހެއެވެ. އެހެންނޫންނަމަ މީރާ ގެއްލި މުޅި އުމުރަށް ހިތާމަ ކުރަން ޖެހިދާނެއެވެ. ބޭޒާރުވާ ދުވަހަކުން މީރާގެ ފަރާތުން ހީނުކުރާފަދަ އަމަލެއް ފެނިގެން ހިނގައިދާނެއެވެ.

ޒަހުރާން އާއި ޒިލާ ޒެފަން ގެ ދެފަރާތުގައި އެނދުގައި އިށީދެލައިގެން ތިބިއިރު ޒެފަން ހުން ގަދަކަމުން ހީވަނީ އަނގުރު އަލިފާންކޮޅެއް ހެންނެވެ. ޒަހުރާން ފެންފޮތިލަމުން ދިޔައިރު ޒިލާ ގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފޭބިއެވެ.

"ފީވަރ މަޑެއްވެސް ނުވޭ، ބޭބީ ރަނގަޅު ވާނެތަ؟" ޒިލާ ޒެފަންގެ އޮމާން ކޯތާފަތުގައި ފިރުމާލި އިރު ލޮލުން ވެއްޓުނު ކަރުނަ ތިއްކެއް ޒެފަންގެ މޫނުގައި ޖެހުނެވެ.

"އިރާދަކުރެއްވިއްޔާ...." ޒަހުރާން ކިތަންމެ ވަރަކަށް ވިސްނައިދިނަސް ޒިލާ ގެ ކަރުނަތައް ނުހިފެހެއްޓެއެވެ.

ޒެފަން ކިރިޔާ ހުން މަޑުވާއިރަށް އެ ބޮޑު ދެލޯ ހުޅުވާލައިފިއެވެ. މައުސޫމްކަމުގެ އިންތިހާއެވެ. ތުންފަތްކޮޅު ރަތްކަމުން މަލެއްގެ ފިޔަފަދައެވެ. އެ ފަން އިސްތަށިގަނޑު ބާލީސްމަތީ ފަތުރާލާފައި އޮތްއިރު ރީތިކަމުން ފިރިހެންކުއްޖަކަށްވުރެ ވައްތަރުވަނީ އަންހެންކުއްޖަކާއެވެ. ޒެފަން އޭނަގެ މަންމައާއި ބައްޕަގެ އަތުގައި ހިފަހައްޓާލައިގެން ބަލަން އޮވެފައި ކުއްލިއަކަށް ދެއަތްތިލަ ގުޅުވާލަދިނުމުން ޒަހުރާންވެސް ސިހުނެވެ. ކިތަންމެ ކުޑަޔަސް، އަދި ބަލިވިޔަސް ތުއްތު ކުދިންގެ އިހުސާސްތަކާއި، ބޭނުންތައް ވާކަން ޒަހުރާންއަށް ޔަގީންވީ އެވަގުތުއެވެ. އެމީހުންގެ ފުރާނަފަދަ ލޯބިވާ ދަރިފުޅުގެ ބޭނުމަކީ ޒަހުރާން އާއި ޒިލާ ގުޅުމެވެ. ޒަހުރާން ފެންކަޅިވިއެވެ. ޒަހުރާން މިހިރީ ދަރިފުޅުގެ ހިތްހަމަޖެހުމަށްޓަކައި އަމިއްލަ އުފާތައް ގުރުބާން ކުރަން ތައްޔާރަށެވެ. އެހެން ނޫންނަމަ އޭނަ ދެން ދުވަހަކުވެސް ޒިލާ އާއި ގާތް ގުޅުމެއް ބާއްވަން ބޭނުން ނުވީހެވެ. ޒިލާ ބޭނުމިއްޔާ އޭނަ މިހިރީ ޒިލާ އާއިއެކު އުމުރު ހޭދަކުރަން ތައްޔާރަށެވެ. އެކަނި ޒެފަންއަށްޓަކައެވެ. އޭނަ ތުއްތު އިރު މައިންބަފައިން ވަކިވުމުން އޭނަ ކުރި ފަދަ ހިތާމައެއް ޒެފަން ކޮށްގެން ނުވާނެއެވެ.

މާޒިން ގެއަށް އައިއިރު ސޯފިޔާ އުޅުނީ ގަސްތަކަށް ފެން ދިނުމުގައި އަވަދިނެތިއެވެ. ކުރީކޮޅު ރެޑް ފްލޭމްގެ އެއީ މިފަހަކަށް އައިސް ސޯފިޔާ ގޭގެ ހުރިހާ ކަމެއް ބަލަހައްޓާވަރުން މިއީ އަމިއްލަ ތަނެއްކަމުގެ އިހުސާސްކުރެވެން ފެށީކަންނޭގެއެވެ. މާޒިން ފެނުމާއިއެކު ސޯފިޔާ ކޮށްލި ޝަކުވާއަކުން މާޒިންގެ ނިތްކުރިއަށް ރޫތަކެއް އަރައިގެން ދިޔައެވެ.

"މާޒިން، މިލީ އުޅެނީ އުފަލުންހެން ހިޔެއްނުވޭ، ކޮންމެ ފަހަރަކު ފޯނު ނަގާފައި ވާހަކަދައްކާ ގޮތުން ހީވަނީ މިހުރާން އައިސްދާނެތީ ބިރުން އުޅޭހެން، ފޯނު ކަނޑާލަނީވެސް ކުއްލި އަކަށް، ދެން އަނެއްހެން މިހުރާންގެ ޝަކުވާއެއް ކުރަނީއެއް ނޫން، އެކަމަކު އައި ހޭވް ދަ ފީލިން ކޮންމެވެސް ގޯހެއް އެބައުޅޭ........" ސޯފިޔާ މާޒިން ގެ ގާތުގައި ބެންޗުގައި އިށީދެ ފުން ނޭވަޔެއްލިއެވެ.

"ސޯފިޔާ އަށް މާ ބޮޑަށް އެނގެނީ......" މާޒިން ސަމާސާކޮށްލިއެވެ. 

"މާޒިން ނުދަންނަންތަ މަންމައެއްގެ އިންސްޓިންކްޓްސް ވަރުގަދަވާނެކަން، އަސްލު ބޭނުމެއްނޫން ދެން މިލީގެ ލައިފަށް ނުފޫޒު ފޯރުވަން އެކަމަކު މިލީ އުފަލުގައި އުޅޭކަން ޔަގީން ކުރަން ބޭނުމީ، އެކަނި ބޭނުމަކީ ކުދިން އުފަލުގައި އުޅޭތަން ފެނުން......." ސޯފިޔާ ހީލާފައި މާޒިންގެ އިސްތަށިގަނޑާއި ކުޅެލިއެވެ.

މިޝެލިން އަނދިރިކޮށްލެވިފައިވާ ބެލްކަނީގައި އެކަނިމާއެކަނި އިށީދެލައިގެން "ގޯލްޑެން ފްލޭމް" އާއި ދިމާލަށް ބަލަހައްޓައިގެން އިންއިރު ތަފާތު ޚިޔާލުތަކެއް އޭނަގެ ސިކުނޑީގައި ދައުރުވަމުން ދިޔައެވެ. އޭނަގެ ބައްޕައަކީ އެ ޝާހީ އާއިލާއަށް އުފަން ނޫން މީހެއްކަން އެގުނު ދުވަހުން ފެށިގެން މިޝެލިން އެކަމާއި މެދު ވިސްނާހަދައެވެ. އޭނަ ކޮންމެހެން ޝާހީ ޕްރިންސެސްއަށް ވާ ހިތްވަނީއެއް ނޫނެވެ. މި ޒަމާނުގައި މީހާގެ ޝާހީކަމަށްވުރެ ބަލަނީ ކިޔެވުމުގެ ފެންވަރަށެވެ. ބައްޕަ މިވީހާތަނަށް އާއިލާ އާއި ވަކިން އުޅުނުއިރުވެސް ބައްޕައަކީ މީހުން އިހުތިރާމް އަދާކުރާ ވަރުގަދަ ޝަޚުސިއްޔަތެކެވެ. މިޝެލިންވެސް ބައްޕަ ފަދަ މޮޅުމީހަކަށް ވާނެއެވެ. އެކަމަކު މައްސަލައަކީ ޝާހީ އާއިލާއަކަށް ނިސްބަތް ނުވި މީހަކަށް ވީތީ އެގެއިން މަންމައާއި މެދު ކަންތައް ކުރި އިހާނެތި ގޮތެވެ. މިޝެލިން ބޭނުމީ އެކަމުގެ ބަދަލު ހިފުމެވެ. އޭނައަށް އެކަން ކުރެވެން އޮތީ ކުޑަ ގުރުބާނީއެއް ވެގެންނެވެ. ހިތާއި ދެކޮޅަށް ނަމަވެސް އޭނަ ޖެހެނީ އިއްބާނު އާއި ކައިވެނި ކޮށްގެން އެއާއިލާގެ މެމްބަރަކަށް ވުމަށެވެ. އެއާއިލާ އާއި، އިއްބާނުގެ ފަރާތުންވެސް ބަދަލު ހިފަން އެންމެ ރަނގަޅު ގޮތަކީ އެއީއެވެ.

ހުޅަނގުގެ ވިއްސާރަ ވިލާތައް އުޑުގައި ބޯވެ ހީވަނީ ކަޅު ސާލެއް ފަތުރާލާފައިވާހެންނެވެ. ދޭތެރެއަކުން ޖެހިލާ ބާރު ވައިރޯޅިތަކުގެ ހަމަލާގައި ކެތްނުކުރެވިގެން ގަސްތަކުގެ ގޮފިތައް ވައިގެތެރޭގައި ހޫރެމުން ދިޔައެވެ. ހަވީރަށް އައި ކެރީގަނޑެއްގައި ގޯލްޑެން ފްލޭމްގެ ބެލްކަންޏަށް ހިޔާއަޅާފައި އޮންނަ އޮފިއެލޭ ގަހެއްގެ ގޮފިގަނޑެއް އެބެލްކަންޏަށް ވެއްޓި ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއްވިއެވެ. ބެލްކަންޏަށް އެޅިފައިވާ ހިކި ފަތްތަކުގެ ސަބަބުން ހީވަނީ ތޫފާނެއް އަރާފައިވާ ތަނެއްހެންނެވެ. އިއްބާނު އަށް އެ މަންޒަރު ފެނުމުން އޭނަ އަވަސްވެގަތީ އެހެން މީހަކު އައުމުގެ ކުރިން ގޮފިތައް ކޮށާލައި އެތަން ސާފުކޮށްލުމަށެވެ.

"ބޫ މަސައްކަތުމީހެއް ފަދައިން އުޅެން ހަމަ ޖެހޭތަ؟ މި ޒަމާނުގައި އިލެކްޓްރިކް ކީސްތަކުން ތިކަހަލަ މަސައްކަތްކުރަނީ....." އަލީސާ ކުޑަ ހުނުމަކާއިއެކު ބުންޏެވެ.

"އެވަރުކަމެއް ނޫނޭ މަންމާ، ފިރިހެނުން ވެއްޖެއްޔާ މިވަރުކަމެއް ކޮށްލެވެން ޖެހޭނެ..." އިއްބާނު ވަޅިން ފުރަތަމަ ޖެހި އެތިފަހަރާއި އެކު ގޮތްޕެއް ކަނޑާލި އިރު އެ އަތުގެ މުލައްދަނޑީގެ ވަރުގަދަކަން ރީއްޗަށް ހާމަވަގެން ދިޔައެވެ. އަލީސާ ފަޚުރުވެރިވާފަދަ ދަރިއެކެވެ. ބޮޑާކަމެއްނެތް، ހީވާގި ފިރިހެންކުދިން މި އާއިލާގައި ނެތޭ ނުބުނެވޭނެ ކަމުގެ މިސާލެކެވެ.

އިއްބާނުގެ މަސައްކަތަށް ހިތްވަރުދޭން އެތާ ހުރެލާފައި އަލީސާ ދިޔަފަހުން އިރުކޮޅެއް ނުވަނީސް އަންހެންވަންތަ ސެންޓެއްގެ މީރުވަސް ނޭފަތުގައި ޖެހިލުމާއި އެކު، މިޝެލިން ކަން އެނގި އިއްބާނުގެ ހިތުގެ ވިންދު ބާރުވެލައިފި އެވެ. އިއްބާނު ނުދެނެހުރި ކަމަށް ހަދާލާފައި ބެލްކަނިން ވަދެވެން ހުރި ކޮޓަރިއެއްގެ ދޮރު ހުޅުވާލަން އުޅުމުން މިޝެލިން ގޮވާލިއެވެ.

"ބެން....." އިއްބާނު ގަބޫލުކުރަން ދަތިވެފައި ހުރިގޮތަކަށް އެނބުރި ބަލައިލީ ބުމަ އަރުވާލަމުން، ސުވާލުގެ ނަޒަރަކުންނެވެ.

"އެއްޗެކޭ ބުނެލަން ބޭނުން......" މިޝެލިން އިއްބާނުގެ ތޫނު ލޮލާއި ހަތަރުކަޅި ހަމަވުމާއިއެކު ޚިޔާލު ބަދަލުވާން އުޅުނެވެ. އޭނަ އިއްބާނު އާއި ކައިވެނި ކޮށްފިއްޔާ އޭނަގެ ރޭވުން ކާމިޔާބުވާނެ ހެއްޔެވެ؟ އިއްބާނު އާއިއެކު އުޅެން ފަސޭހަވާނެ ހެއްޔެވެ؟ އިއްބާނު ކުރި ކުށަކުން އޭނަ އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވިޔަސް އެ ލޯތްބަށް ފަނޑުކަމެއް ނާދެއެވެ. މިޝެލިންގެ ހިތަކީ އެހާ ފަސޭހައިން ބަދަލުވާ އެއްޗެއް ނޫނެވެ. އެކަމަކު އޭނަގެ ގޮތްދޫނުކުރުމަކީ ވެސް މިޒާޖުގެ ބަޔެކެވެ.

"ޓެލް މީ....." އިއްބާނު ރެއިލިން އަށް ލެނގިލައިގެން ހުއްޓުނެވެ. އިސްތަށިގަނޑު ކޮށާނުލައި ހުރުމުގެ ސަބަބުން ނިތުމައްޗަށް ފައިބައިގަތް އިސްތަށިގަނޑު އަތުން ރަނގަޅުކޮށްލި ގޮތްވެސް މިޝެލިންއަށް ހިތްގައިމުވިއެވެ. އެ ހަތަރެސްކަން މޫނުގެ ކޮންމެ ސިފައެއް ހާދަ ފުރިހަމައެވެ. ޚާއްސަކޮށް އެ ކަތި ނަޒަރެވެ. އެކަމަކު އެފަދަ ރީތިކަމުގެ ނިވަލުގައި ގިނަފަހަރު ފޮރުވިފައި ވަނީ ޝައިތާނުންކަން އަންހެންކުދިންނަށް އެގޭނެ ހެއްޔެވެ؟

"އައި ވޯންޓް ޓު ބީ ޔޯ ވައިފް......." މިޝެލިން އިތުރަށް ބުނެދޭން ނޫޅެ ސީދާ މައުޟޫއަށް ވާހަކަ ގެންދިޔައެވެ. 

"ވަ...ވަޓް......." އިއްބާނު ހައިރާންވިވަރުން އަނގަޔަށް ހަދާލިގޮތް އެހާ ހިތްގައިމެވެ.

"ގާލް އަކަށް ޕްރޮޕޯސް ނުކުރެވޭނީތަ؟" މިޝެލިން ހުރީ ސީރިޔަސްވެފައެވެ.

އިއްބާނު ހުރީ ދޭންވީ ޖަވާބެއް ނޭގިފައެވެ. މިޝެލިން ހަށަން ބަދެލައިގެން ހުރިއިރު އެ ރީތި ދެލޮލުގައި އެހާ ގާތްކަމެއްނެތެވެ. އަބަދު ހީހީ ހުންނަ އެ އުފާވެރި މޫނުން ސީރިޔަސްކަން ފާޅުވާތީ އިއްބާނުގެ ހިތަށް ނޭގޭ ބިރުވެރިކަމެއް ވަނެވެ. އޭނައަށް މިޝެލިންގެ ސިކުނޑީގައިވާހާ އެއްޗެއް ދެނެގަންނަން ހިދުކޮޅެއްވެސް ނުނެގިއެވެ. މިޝެލިން ގެ މި ކައިވެންޏަކީ ކުޅޭ ކުޅިވަރެކެވެ. މިޝެލިން އާއި އޭނަ ކައިވެނި ކުރިޔަސް އޭނަ އުޅެން ޖެހޭނީ ބީރައްޓެއްސެއް ފަދައިން ވަކި ހައްދެއްގެ ތެރޭގައިކަންވެސް އެނގުނެވެ. އެކަމަކު މިއީ މިޝެލިންގެ މާފު ހޯދަން ލިބޭނެ ފުރުސަތެކެވެ. އޭނަގެ ހިފެހެއްޓުމެއްނެތް ލޯތްބާއި، އޯގާތެރިކަމުން މިޝެލިންގެ ހިތް ބަދަލުކޮށްލެވިދާނެއެވެ. އިއްބާނުއަށް ހަގީގަތުގައި މިޝެލިންގެ ހިތް އެގުނީ ކުޑަ މިންވަރަކަށެވެ.

"އެކަމަކު ބެން ހަދާންކުރަންވާނެ މިއީ ފެމިލީއަށްޓަކައި ކުރާކަމެއްކަން، އެކަނި ނަމެއްގައި ކުރެވޭ ކައިވެންޏެއްކަން، ޔޫ ނޯ ވަޓް އައި މީން....." މިޝެލިން ޝަރުތެއް ކުރުވަން ބޭނުންވިއެވެ. ނަމަވެސް ވިސްނާލާފައި މިޝެލިން އެ ޝަރުތު ކުރުވާކަށް ނޫޅުނެވެ. ކައިވެންޏަށްފަހު އިއްބާނު ކޮންޓްރޯލް ކުރުމަކީ އޭނައަށް އުދަގޫކަމަކަށް ނުވާނެއެވެ. އޭނައަށް އަމިއްލަ ނަފުސަށް އިތުބާރު އެބައޮތެވެ. އިއްބާނު އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް އެލީސާ ހޫނު ކޮފީ ހިފައިގެން އެތަނަށް އަންނަތަން ފެނުނެވެ. މިޝެލިން ގެ ޚިޔާލު ބަދަލުވެދާނެތީ، އިއްބާނު ގަސްތުކުރީ އެވަގުތުކޮޅުގެ ބޭނުން ފުރިހަމައަށް ހިފުމަށެވެ.

"މަމް، އަހަރެމެން މިއުޅެނީ މެރީކުރަން....." އިއްބާނު މިޝެލިންގެ އަތް އެ އަތުގެ ތެރެއަށް ލަމުން ފިތާލިއެވެ. އެލީސާގެ ދެލޮލުން ފެނުނީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. އިއްބާނު އެކިފަހަރުމަތިން ޚިޔާލު ބަދަލުކުރާތީ ހިތުގައި ސުވާލު އުފެދުނު ނަމަވެސް އެލީސާ އިއްބާނުގެ ގާތުން ސަބަބު އޮޅުން ފިލުވާކަށް ނޫޅުނެވެ. އޭނަ އެތާހުރި ތަބަކެއްގައި ކޮފީތަބައް ބަހައްޓާފައި އައިގޮތަށް މިޝެލިންގެ ދޮން ނިތްކުރީގައި ބޮސްދެމުން އެކުދިންނަށް މަރުހަބާ ކިޔާލީ ހުރިހާ ދަތްތައް ފެންނަވަރަށް ހީލަމުންނެވެ. 

"ޕާޓީއެއް ބާއްވާހިތެއް ނުވޭ، ކޯޓަށްގޮސް ނިންމާލަން ބޭނުމީ......" މިޝެލިން ހުރީ ސީރިޔަސްވެފައިކަމެއް އެލީސާ އަކަށް ނޭގުނެވެ. އެހެން ނޫނަސް އެމީހުންގެ ލޯބިވާ ދަރިފުޅުގެ ޕާޓީ އެހާ އާދައިގެކޮށް ކައިވެނި ބާއްވަފާނެހެން ހީވަންޏާ އެއީ ކުށްހީއެކެވެ. މާލެ ނުދެކޭވަރުގެ ކުލަގަދަ ޕާޓީއެއް އެލީސާ ނުބާއްވާނެ ގޮތަކީ ނެތް ގޮތެކެވެ. ހައިތަމް ގެއަށް ދުރުވަންދެން ކެތްނުކުރެވިގެން އެލީސާ ވަގުތުން ގުޅާފައި އެ ޚަބަރުދިނެވެ. އެންމެންގެ އުފާވެރިކަން ފެނުމުން މިޝެލިން ހިނި އަތުވެއްޖެއެވެ. މި އާއިލާގެ ޝާހީކަމާއި އެއްވަރަށް އަނދިރި ސިއްރުތައް ފޮރުވިގެންވާ ބަޔެއްކަން މިޝެލިންއަށް އެގެއެވެ. އެ އާއިލާގެ ހިޔަނިއެޅޭ ބަޔަކަށްވެސް މި އާއިލާގެ ސިއްރުތަކުގެ ސަބަބުން އުދަގޫތަކާއި ކުރިމަތިލާން ޖެހެނީ ހެއްޔެވެ؟ މީހުންގެ ތެރެއަށް ކިތަންމެ ވަރަކަށް މަޝްހޫރު، މުއްސަނދި އަދި މޮޅު އާއިލާ އަކަށް ވިޔަސް އެއްވެސް ބަޔަކަށް ދުނިޔެއިން ހުރިހާ ކަމެއް ފުރިހަމައެއް ނުވާނެއެވެ. އުފާވެރިކަމާއި، ނަސީބު ކިތަންމެ އާދައިގެ ނިކަމެއްޗަކަށްވެސް މިންވަރު ކުރައްވަފާނެއެވެ.

މިޝެލިންގެ ހިތްވަނީ ހުސްވެފައެވެ. އޭނައަށް މިވަގުތުވެސް ކުރެވެނީ އެކަނިވެރިކަމުގެ އިހުސާސްއެވެ. ލޯބިވާކަމަށް ދައުވާ ކުރާ މީހެއްގެ ފަރާތުންވެސް އޭނައަށް ލިބުނު އުފަލެއްނެތެވެ.

"ޝެލް، ތޭންކްސް..." އެލީސާ ތިރިއަށް ދާން ހިނގައިގަތުމުން އިއްބާނު ގެ ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިނަމަވެސް އެލޮލުގެ ކަނުގައި ފޮރުވިފައިވި ކަރުނަ ތިކިތައް މިޝެލިންއަށް ފެނުނެވެ. ހިތަށް އުދަގޫކުރުވިއެވެ. އެކަމަކު އޭނަގެ ހިތް އެހާ ބަލިކަށި ކޮށްގެން ކަމަކު ނުދާނެއެވެ. އޭނަ ހިތްވަރުގަދަ، ހަރުކަށި އަންހެންކުއްޖަކަށް ނުވެ މި ޝާހީ އާއިލާގެ ތެރޭގައި އުޅެވޭކަށް ނެތެވެ. އެހެންނޫންނަމަ މަންމަ ފަދައިން އޭނަ އުޅެންޖެހޭނެ ހާލެއްވެސް ނޭގެއެވެ. މިޝެލިން ޖަވާބެއް ދިނުމަކާއި ނުލައި ކުޑަ ހީލުމަކަށްފަހު ދުރަށް ދާން ހިނގައިގަތުމުން އިއްބާނު ހުރީ ސްޓެޗޫއެއް ފަދައިން ގުޑާލަން ނޭގިފައެވެ. މޫސުމްވެސް އޭނަގެ ތަބީއަތާއި ގުޅެއެވެ. އެހާ އަނދިރިވެފައި، ކަޅެވެ. ހީވަނީ ދެންމެ ދެންމެ ވާރޭފަދައިން ކަރުނަތައް ވެހެން ތައްޔާރަށް ވާހެންނެވެ.

މިލީނާ ހެނދުނު އޯކަށް ދަމައި އެއްޗެއް ނުކެވިގެން އުޅުނުތަން ފެނުމުން މިހުރާންގެ ސުވާލުތައް އެކިގޮތް ގޮތަށް އަމާޒުވާން ފެށިއެވެ. މިލީނާ އަކަށް ދޮގު ހަދާކަށް ނުކެރުނެވެ. މިހުރާންގެ ސުވާލު ތަކަށް އޭނަ ޖަވާބު ދިން އިރު މިލީނާގެ ހިތްވެސް ތެޅެމުން ދިޔައީ އެހާ ވަރަށެވެ. މިހުރާން ގެ ހިތަށް ލިބުނު މާޔޫސް ކަމާއި އެކު ވަގުތުން ކިޓެއްގެނެސްގެން ޓެސްޓް ކުރުވި އިރު ނަތީޖާ ދައްކާނެ ގޮތް އެނގިގެން އޭނަހުރީ ރުޅިގަދަވެފައެވެ. އޭނަ ކުޑަދޮރުގައި އަތްއަޅުވާލައިގެން ބޭރަށް ބަލަން ހުރިއިރު އަތުގެ އިނިގިލިތަކުން ތަޅަމުން ދިޔަގޮތުންވެސް އެކަން އެނގެއެވެ. މިލީނާ ގެ ފިޔަވަޅުގެ އަޑު އިވުމާއިއެކު މިހުރާން އެނބުރި ބަލާލިއެވެ.

"ޕޮޒިޓިވް..." މިލީނާގެ ބޮޑު ދެލޮލުގައިވަނީ ސިހުމެވެ.

މިހުރާން ބާރަކަށް ހިގާފައި އައިގޮތަށް މިލީނާގެ ކޮނޑުގައި ހިފެހެއްޓިގޮތަކުން މިލީނާގެ މެޔަށް ފިނިވެގެން ދިޔައެވެ. މިހުރާންގެ ދެލޮލުން އަލިފާން ކަނިބުރާހެން ހީވިއެވެ. މިލީނާއަށް ނޭގުނީ އޭނަ ކުށްވެރިވާން ޖެހުނު ސަބަބެކެވެ. އޭނަ ހުރީ ހިންދިރުވައިލަން ނުކެރިފައެވެ. މިހުރާން ހިފަހައްޓައިގެން ހުރިވަރަކުން ކޮނޑު ކަށިގަނޑަށް ތަދުވެ، އަތް ނައްޓުވާލަން ބޭނުންވެފައެވެ. މިލީނާގެ ލޮލުގައި ގިނަވެގަތް ކަރުނަތައް އެސްފިޔަތަކަށް ނުކުޅަދާނަވެގެން ތިރިއަށް ދެމިގެންފިއެވެ.
(ނުނިމޭ)

ފ. ފަނިފަކުސަފުށްޓަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ޙައްލެއްހޯދުން


ތަޢާރަފް :

      މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ. މިގޮތުން ފ. ފަނިފަކުސަފުށްޓަކީވެސް މި މައްސަލައާ ކުރިމަތިލާންޖެހިފައިވާ ރަށެކެވެ. މިއީ ނާކޮޓިކްސް ކަންޓްރޯލް ބޯޑުގެ ފަރާތުން މި މައްސަލަ ރަނގަޅަށް ދިރާސާކުރުމަށްފަހު އޭގެ ޙައްލެއް ހޯދުމުގެ ގޮތުން ލިޔާ ރިޕޯޓެކެވެ. މި ރިޕޯޓު ބިނާވެފައިވަނީ ރަށުގެ ޙާލަތާއި، ރައްޔިތުންގެ ޞިއްޙަތާއި، މަސްވެރިކަމަށް ކުރާއަސަރާއި، ފަތުރުވެރިކަމަށް ކުރާއަސަރާއި، އިޖުތިމާޢީގޮތުން ކުރާއަސަރާއި މިކަން ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށެވެ.

ރަށުގެ ޙާލަތު :

     ފ. ފަނިފަކުސަފުށީގައި މީހުން ވަޒަންވެރިވެގެން އުޅޭތާ 300 އަހަރުވެފައިވާކަމަށް ކުރި ދިރާސާތަކުން ދައްކައެވެ. ނަމަވެސް މި ދިގުމުއްދަތުގެ ތެރޭގައި މިފަދަ މައްސަލައަކާ ކުރިމަތިލާން ޖެހިފައިވާކަމެއް އެނގޭކަށް ނެތެވެ. މިރަށަށް މަސްތުވާތަކެތި ތަޢާރަފުވެފައިވަނީ މީގެ ދެތިން އަހަރުކުރިންކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖޭގެ ނިސްބަތުން ބޮޑު އާބާދީއެއް ދިރިއުޅެމުންދާ މިރަށުގެ ¼ އަކީ މަދަރުސާތަކުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ކުޑަކުދިންނެވެ. މަސްތުވާތަކެތީގެ 'ޑީލަރުންގެ' (ވިއްކާމީހުންގެ) މައިގަނޑު އަމާޒަކީ މިކުދީން ކަމަށް ކުރި ދިރާސާތަކުން ދައްކައެވެ. މިބައިމީހުން ދަނީ ސީދާގޮތުންނާއި ނުސީދާގޮތުން މި ކުދީންނަށް މަސްތުވާތަކެތި ފޯރުކޮށްދެމުންނެވެ. ހަމަމިއާއެކު މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން މިރަށުގެ ރައްޔިތުންނަށް މިވަނީ ޞިއްޙީ ތަފާތުމައްސަލަތަކާ ކުރިމަތިލާންޖެހިފައެވެ.

ރައްޔިތުންގެ ޞިއްޙަތު :

      މިރަށުގެ ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދެއްވިގޮތުގައި ވޭތުވެދިޔަ ދެމަސްދުވަހުގެ ތެރޭގައި އެކަނިވެސް މިރަށުގެ 20 އިންސައްތަ މީހުންވަނީ މަސްތުވާތަކެތީގެ ސަބަބުން ދިމާވާ ޞިއްޙީ ތަފާތު މައްސަލަތަކަށް ފަރުވާހޯދުމަށްޓަކައި އައިސްފައެވެ. މީގެތެރޭގައި ބޯއެނބުރުމާއި، ނުނިދުމާއި، ނޭފަތުން ލޭއައުމާއި އަދިވެސް މިނޫން ކިތަންމެ ކަމަކަށް ފަރުވާ ހޯދުމަށް އައިސްފައިވާކަމަށް އެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ. ފަރުވާހޯދަން އައިމީހުންގެ 75 އިންސައްތައަކީ ޒުވާންފުރައިގެ ޅަކުދީންނެވެ. މިއަދު މިރަށުގެ ރައްޔިތުން މިވަނީ ތަފާތު ބަލިތަކުގެ ޝިކާރައަކަށްވެފައެވެ. މީގެސަބަބުން ފ. ފަނިފަކުސަފުށި އެ މަސައްކަތަކަށް މަޝްހޫރުވެފައިވާ މަސްވެރިކަމަށްވެސްދަނީ ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ.

މަސްވެރިކަމަށް ކުރާއަސަރު :

 މިރަށުގައި މަސްވެރިކަންކުރާ ވަރަށް ގިނަ ޢާއިލާތަކެއް ދިރިއުޅެމުން ދެއެވެ. ނަމަވެސް ޞިއްޙީ ޙާލަތު ތަން ނުދިނުމުގެ ސަބަބުން މީގެތެރެއިން ބައެއްމީހުންނަކަށް މިހާރު ބަރާބަރަކަށް މަހަކަށް ނުދެވެއެވެ. އަދި އަނެއްބައި މީހުން ރޭގަނޑު ހަތަރުދަމު ހޭލައި އުޅެފައި، ދުވާލު މަހަށްނުގޮސް ނިދަން ތިބޭކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. މިބައިމީހުންގެ އަނބިދަރީންގެ ޚަރަދުބަރަދު ބެލެހެއްޓުމުގެ އެއްވެސް ފިކުރެއްނެތެވެ. މީގެ ސަބަބުން މިފަދަ ޢާއިލާތަކަށް މިއަދު މިވަނީ ވަރަށްބޮޑެތި ދަތިތަކަކާއި ހިތާމަތަކެއް ކުރިމަތިވެފައެވެ. މީގެއިތުރުން އާމްދަނީ ލިބިލިބިއޮތް މަގު ބަންދުވެ، ޞިއްޙީފަރުވާ ހޯދުމަށްޓަކައި ޚަރަދުކުރަން ޖެހުމުގެސަބަބުން މިޢާއިލާތައް މިވަނީ އަތްމަތި މުޅީން ހުސްވެ ހަދާނެގޮތް ބޮޑުވެފައެވެ.

ފަތުރުވެރިކަމަށް ކުރާއަސަރު :

       މަސްވެރިކަމަށްފަހު މިރަށަށް އާމްދަނީ ލިބޭ މައިގަނޑު އަނެއް މަސައްކަތަކީ ފަތުރުވެރިކަމެވެ. މިރަށުގައި ފަތުރުވެރީންނަށް އެއްޗެހި ވިއްކާ ހަތަރު ފިހާރަ ހުރެއެވެ. މި ފިހާރަތަކުގެ ވެރީން މަޢުލޫމާތު ދެއްވިގޮތުގައި މީގެ 2 އަހަރު ކުރީން އެއިން ކޮންމެ ފިހާރައަކަށްވެސް މަހެއްގެ މައްޗަށް، ޚަރަދު ކަނޑާފައި ފައިދާއަށް މަދުވެގެން -/10000 ރުފިޔާ ލިބެއެވެ. ނަމަވެސް މިއަދު މި ޢަދަދު މިވަނީ އޭގެ ¼ އަށް ވެއްޓިފައެވެ. ފަތުރުވެރީން މިރަށަށް އައުން މަދުވެފައިވާ މައިގަނޑު ސަބަބަކީ ރަށުތެރެ ނާމާންވުމެވެ. މަގުފޭރުމާއި، ވައްކަންކުރުމާއި، ކަޓަރުއެޅުންފަދަ ކަންތައްތައް މިއަދު މިވަނީ ޢާންމު ކަމަކަށްވެފައެވެ. މީގެ ސަބަބުން މަސްވެރިކަމެކޭ އެއްފަދައިން ފަތުރުވެރިކަންވެސް މިވަނީ ވަރަށްބޮޑަށް ހީނަރުވެގެން ގޮސްފައެވެ. ރަށުގެ އިޤްތިޞާދީ ޙާލަތު މިވަނީ ވަރަށް ދަށަށް ގޮސްފައެވެ. މިހުރިހާ ސަބަބަކާހުރެ މިރަށުގައިވަނީ އިޖުތިމާޢީ އެތައް މައްސަލަތަކެއް ކުރިމަތިވެފައެވެ.

އިޖުތިމާޢީގޮތުން ކުރާއަސަރު :

     މިރަށަށް މިއަދު މިވަނީ ތަފާތު އެތައް މައްސަލަތަކެއް ކުރިމަތިވެފައެވެ. ފޭރުމާއި، ވައްކަންކުރުމާއި، ޒިނޭކުރުމާއި އަދި މަސްތުވާތަކެތި ބޭނުންކުރުންފަދަ ކަންތައްތައް ވަރަށް ގިނަވެފައެވެ. ސިއްރާއި ފާޅުގައި މިފަދަކަންތައްތައް ކުރާމީހުންގެ ނިސްބަތް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިކަމުގެ ސަބަބުން ޢާއިލާތަކުގެ މެދުގައިވާ ގުޅުމަށްވެސް ދަނީ ބުރޫ އަރަމުންނެވެ. ކުރި ދިރާސާތަކުން ދައްކާގޮތުގައި މިރަށުގެ 30 އިންސައްތަ މީހުންނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނެވެ. މިފަދަ މީހުންގެ ސަބަބުން ރަށުތެރެ މިއަދު މިވަނީ ނާމާންވެފައެވެ. ދީނުގައި ޙަރާމް ކުރައްވާފައިވާ ކަންތައްތަކަށް އެއްވެސް ޖެހިލުމެއްނެތި މި މީހުން އަރައިގަންނަމުން ދެއެވެ. ގިނަދުވަސްދުވަހު މިސްކިތްތަކުގައި ދެސަފުވެސް ހަމަނުވާކަމަށް ފާހަގަކުރެވެއެވެ.

ޙައްލު :

    މި މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި ކުށްކުރާމީހުންނަށް ހަރުކަށި އަދަބުތައް ދިނުން މުހިންމެވެ. އަދި ޢާންމުންގެ މެދުގައި، ޚާއްޞަކޮށް މަދަރުސާތަކުގައި ކިޔަވަމުންދާ ކުދީންގެ މެދުގައި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން މުހިންމެވެ. މައިންބަފައިންނާއި ދަރީންނަށް މަސްތުވާތަކެތީގެ ބިރުވެރިކަން އިޙުސާސު ކޮށްދޭން ޖެހޭނެއެވެ. ދީނީ ނަސޭޙަތާއި، ފަތުވާ ދޭންޖެހޭނެއެވެ. އަދި މި ވަބާއިން ސަލާމަތްވެފައިވާ މީހުން ގެނެސް އެމީހުންގެ ތަޖުރިބާތައް ރައްޔިތުންނަށް ކިޔައިދިނުމަކީވެސް މުހިންމު ކަމެކެވެ. ހަމަމިއާއެކު ރަށުގެ ތަފާތު ކޮމެޓީތަކާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން،މިރަށަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމާއި، މިރަށުގެ ޒުވާނުން މުނިފޫހިފިލުވުމަށްޓަކައި ދާނެ ސްޕޯޓްސް (ކުޅިވަރު) ސެންޓަރެއް ހުޅުވުމަކީވެސް މިކަމަށްއެޅޭނެ ހަރުދަނާ ފިޔަވަޅަކަށް ވާނެއެވެ.
ނެގީ: ޑީޕީއީގެ ރިސޯސްތަކުން